News / ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބައިނަލްއަޤްވާމީ ރައްކާތެރިކަމުގެ ދުވަސް ފާހަގަކޮށްފި
FDC

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބައިނަލްއަޤްވާމީ ރައްކާތެރިކަމުގެ ދުވަސް ފާހަގަކޮށްފި

Published on 30 April 2024

ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޓަނޭޝަނަލް ސޭފްޓީ ޑޭ (ބައިނަލްއަގްވާމީ ރައްކާތެރިކަމުގެ ދުވަސް) ފާހަގަކޮށްފިއެވެ.

މިއަދު މެންދުރުފަހު ބޭއްވުނު މި ހަފްލާ ފެށިގެންދިޔައީ ހަފްލާގެ ބައިވެރިންނަށް ބޭއްވި ހާއްސަ ހަރަކާތަކުންނެވެ. އެ ހަރަކާތުގައި ރައްކާތެރިކަން ކަށަވަރުކުރުމަށް އެފްޑީސީއިން ޢަމަލުކުރަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ބައިވެރިންނާ ހިއްސާކުރިއެވެ.

އެގޮތުން، މި ހަފްލާގައި އެފްޑީސީގެ ޕްރޮޖެކްސް އަދި ޕްލޭނިން ޑިޕާޓްމަންޓުން، އެފްޑީސީ ފެސިލިޓީތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ ގޮތުން ޢަމަލުކުރަމުންދާ އުސޫލުތަކާއި ޤަވާއިދުތައްވަނީ ހިއްސާކޮށްފައެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން، ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ، ހަމްދާން ޝަކީލް ވިދާޅުވީ، މަސައްކަތުގެ މާހައުލުގައި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކަށް މުހިއްމު އިސްކަމެއްދޭ ކަމަށެވެ. އެހެންކަމުން އިމާރާތްކުރުމުގެ މަސައްކަތްތައް ޒިންމާދާރުކަމާއި، ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތްވާގޮތުންގެ މަތިން ކުރިއަށް ގެންދިއުމަށްޓަކައި ހަރުދަނާ ނިޒާމުތަކާއި، އިޖުރާއަތްތައް އެފްޑީސީން ތަންފީޒުކުރަމުންދާކަމަށް އެމްޑީ ވިދާޅުވިއެވެ.      

އަދި މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މަސައްކަތުގެ މާހައުލުގައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ޤަވައިދާ އެއްގޮތުގެ މަތިން އެޅިފައިވޭތޯ ކަށަވަރުކުރުމުގެ ގޮތުން ކަމަށް އެކަށޭނަ މުއައްޒަފުންގެ ޓީމެއްވެސް މަސައްކަތްކުރަމުންދާކަމުގައި ހަމްދާން ފާހަގަ ކުރެއްވިއެވެ.

މި ހަފްލާގައި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެފްޑީސީއިން ތަރައްގީކުރަމުންދާ 4000 ސޯޝަލް ހައުސިންގ ޔުނިޓްގެ މަސައްކަތަށް  "15 މިލިއަން ސޭފް މޭން-އަވަރޒް" ހާސިލްކުރެވިފައިވުމަކީ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ހަމްދާން ސިފަކުރެއްވިއެވެ. އަދި އެ ކާމިޔާބީއަކީ، ކޮންޓްރެކްޓަރުންނާއި، އެފްޑީސީގެ މުވައްޒަފުންގެ ހިތްވަރާއި ސާބިތުކަން ދައްކުވައިދޭ ކާމިޔާބީއެއް ކަން ވެސް ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ ރައްކާތެރިކަމުގެ ދުވަހުގެ ޝިއާރަކީ  "އެންޝުއަރިންގ ސޭފްޓީ އެންޑް ހެލްތް އެޓް ވޯކް އިން އަ ޗެލެންޖިންގ ކްލައިމެޓް" އެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ކުޑަކުރުމަށްޓަކައި މަސައްކަތުގެ މާހައުލު ބައްޓަންކުރުމަކީ ކޮންމެހެންކުރަންޖެހޭ ކަމެކެވެ. އެގޮތުން، މަސައްކަތްތެރިންގެ ރައްކާތެރިކަމަށް އިސްކަންދީ، ރައްކާތެރި އަދި ދުޅަހެޔޮ މަސައްކަތުގެ މާހައުލެއް ކަށަވަރުކުރުމަށް އެފްޑީސީއިންދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.